ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އޮންލައިން ޚިދުމަތްތައް

16 ޖޫން 2023

online.pgo.mv

މި ވެބްސައިޓަކީ، ޢާންމުންނާއި ދިފާއީ ވަކީލުން މި އޮފީހަށް ފޮނުއްވާ ސިޓީތަކާއި، ފޯމުތަކާއި، އެހެނިހެން ލިޔުންތައް ފަސޭހަކަމާއި، ރައްކައުތެރިކަމާއި، އަވަސްކަމާއެކު ބަލައިގަތުމަށާއި، އެ ލިޔުންތަކުގެ ޖަވާބު ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ.

ޢާންމުންނަށް މި ވެބްސައިޓަށް ވަދެވޭނީ ސަރުކާރުން ތަޢާރަފުކޮށްފައިވާ އީފާސް ޕޯޓަލް މެދުވެރިކޮށް، ވެރިފައިވެގެންނެވެ. އީފާސްއިން ވެރިފައިވެގެން ޕޯޓަލަށް ވަދެވުމުން އެ މީހެއްގެ މައްޗަށް ހުށަހެޅި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން މި އޮފީހަށް ލިބިފައިވާ މައްސަލަތައް، އެ މައްސަލައެއް ތަޙުޤީޤުކުރާ އިދާރާގެ ރެފަރަންސް ނަންބަރުން އޭނާގެ ޔޫޒަރއަށް އެޑްކުރެވޭނެއެވެ. އެއަށްފަހު، އެ މައްސަލައެއްގައި މި އޮފީހުން ކޯޓަށް ހުށަހެޅި ދަޢުވާ އާއި، އެ ދަޢުވާގެ އަޑުއެހުންތައް ތާވަލުކޮށްފައިވާ ދުވަސްތައް ފެންނާނެއެވެ.

މި ވެބްސައިޓު މެދުވެރިކޮށް، ސައުވީސްގަޑިއިރު، މެދުނުކެނޑި، ޕީޖީ އޮފީހަށް ސިޓީބިޓީ ބަލައިގަންނަމުންދާނެއެވެ. ސިޓީއަށް ޖަވާބު ތައްޔާރުވުމުން ޓެކްސްޓް މެސެޖެއް ލިބޭނެއެވެ. ސިޓީގެ ޖަވާބު ޕްރިންޓް ކުރެވޭނެއެވެ.

މީގެއިތުރުން ނަޞޭޙަތުގެ އެއްބަސްވުމެއް، ނުވަތަ އިޢުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދޭނަމަ، އެކަމަށް އެދޭ ފޯމު މި ވެބްސައިޓުގެ ތެރެއިން ހުށަހެޅޭނެއެވެ. އަދި ފޯމުގެ ޖަވާބުވެސް މި ވެބްސައިޓް މެދުވެރިކޮށް ލިބޭނެއެވެ.

މައްސަލަތަކުގެ ވިކްޓިމުންނަށް އެ މީހަކު ވިކްޓިމައިޒްވާ މައްސަލަ ހިނގަމުންދާގޮތް މި ވެބްސައިޓުން ބެލޭނެއެވެ. ވިކްޓިމުންގެ މަޢުލޫމާތު މި ވަގުތު ފެންނަން ހުންނާނީ، 1 މެއި 2023 ގެ ފަހުން ހުށަހަޅާފައިވާ މައްސަލަތަކުގައެވެ.

މި ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އިތުރު ޚިދުމަތްތަކުގެ ތެރޭގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އެޕޮއިންޓްމަންޓަށް އެދުމާއި، އެ މީހަކާ ގުޅޭ މައްސަލައެއްގައި މި އޮފީހާ މުޢާމަލާތުކުރުމަށް ޤާނޫނީ ވަކީލަކު ހަމަޖެއްސުމާއި، އެ ވަކީލު ވަކިކުރަން ބޭނުންނަމަ ވަކިކުރުން ހިމެނެއެވެ. ވަކީލަކު ޢައްޔަންކުރާ ހިސާބުން އެ މައްސަލައަކާބެހޭ ގޮތުން އެ ވަކީލަށްވެސް މި އޮފީހާ މުޢާމަލާތުކުރެވޭނެއެވެ. އެ ހުރިހާ މުޢާމަލާތެއް، މުވައްކިލަށްވެސް ބަލައިލެވޭނެއެވެ.

gov.pgo.mv

މި ވެބްސައިޓަކީ، ޝަރުޢީ ކޯޓުތައް ހިމެނޭ ގޮތުން، ދައުލަތުގެ އެކި އިދާރާތަކުން މި އޮފީހަށް ފޮނުވާ ސިޓީތަކާއި، ފޯމުތަކާއި، އެހެނިހެން ލިޔުންތައް، ފަސޭހަކަމާއި، ރައްކައުތެރިކަމާއި، އަވަސްކަމާއެކު ބަލައިގަތުމަށާއި، އެ ލިޔުންތަކުގެ ޖަވާބު ދިނުން ވީހާވެސް އަވަސްކުރުމުގެ މަޤްޞަދުގައި ތައްޔާރުކުރި ވެބްސައިޓެކެވެ.

މި ވެބްސައިޓަށް ވަނުމަށްޓަކައި ދައުލަތުގެ ކޮންމެ އިދާރާއަކަށް، ރަސްމީ ލޮގިންއެއް އޮންނާނެއެވެ. ޝަރުޢީ ކޯޓުތަކުގެ ރަޖިސްޓްރާއިން މި ވެބްސައިޓަށް ވެންނެވުމުން، އެހައިތަނަށް މި އޮފީހުން އެ ކޯޓަކަށް ފޮނުވާފައިވާ ހުރިހާ މައްސަލައެއްގެ ދަޢުވާ ފޯމާއި، އެ މައްސަލައެއްގެ އެ ވަގުތުގެ ޙާލަތު ބެއްލެވޭނެއެވެ. އަދި، އެހައިތަނަށް މި އޮފީހުން ފޮނުވާފައިވާ ސިޓީއަކާއި، އެ ސިޓީއަށް ދީފައިވާ ޖަވާބުތައްވެސް ބެއްލެވޭނެއެވެ. މީގެ ތެރެއިން ފިލްޓަރ ކުރައްވަން ބޭނުންފުޅު ބައެއް ފިލްޓަރ ކުރައްވައިގެންވެސް ބެއްލެވޭނެއެވެ. މިސާލަކަށް، އައިޑީ ކާޑު ނަންބަރު ޖައްސަވައިގެން، އެ ކޯޓުގައި އޮތް މައްސަލައެއްގައި ހިމެނޭ މީހުންގެ ސްޓޭޓަސް ބެއްލެވޭނެއެވެ.

މީގެ އިތުރުން، ޝަރުޢީ ކޯޓުތައް ހިމެނޭ ގޮތުން، ދައުލަތުގެ އިދާރާތަކުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވަން ބޭނުންފުޅުވާ ސިޓީބިޓީތައްވެސް މި ވެބްސައިޓު މެދުވެރިކޮށް، ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ފޮނުއްވޭނެއެވެ. އަދި، ސަރުކާރުން ތަޢާރަފުކުރައްވާ ޖެމްސް-2 ތަޢާރަފުކުރުމާއެކު، މި ނިޒާމު ޖެމްސް-2 އާ އިންޓެގްރޭޓް ވެގެންދާނެއެވެ. އޭރުން، ޖެމްސްއިން ފޮނުއްވިޔަސް، މި ވެބްސައިޓުން ފޮނުއްވިޔަސް، އެއްތަނަކުން ހުރިހާ އެއްޗެއް ފެންނާނެއެވެ. ވަކިވަކި ވެބްސައިޓުތައް ބޭނުންކުރައްވާކަށް ނުޖެހޭނެއެވެ. ނަމަވެސް، ޖެމްސް-2 ގެ ޚިދުމަތް ލިބެންދެން، މި ވެބްސައިޓު ބޭނުން ކުރެއްވޭނެއެވެ.

ޤާނޫނަކުން ބާރުލިބިގެން ވަކި އިދާރާއަކުން ކުރާ ތަޙުޤީޤަކަށް، މި އޮފީހުގައި އޮތް މައްސަލައެއްގެ މަޢުލޫމާތު ބޭނުންވާ ޙާލަތުގައި، އެ ކަމާބެހޭ ފޯމެއް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން، އެ އިދާރާއަކަށް އެ މައްސަލައަކާ ބެހޭ މަޢުލޫމާތަށް މި ވެބްސައިޓް މެދުވެރިކޮށް, ވަކި މުއްދަތަކަށް އެކްސެސް ދެވިދާނެއެވެ. އޭރުން، ދައުލަތުގެ ތެރޭގައި ބަދަލުކުރަންޖެހޭ ސިޓީބިޓީ މަދުވެ، ދައުލަތުގެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ. ހަމަ އެގޮތަށް، ވަކި ކަމަކާ ގުޅިގެން މީހެއްގެ ނުވަތަ ބައެއްގެ ކުށުގެ ރެކޯޑެއް ސާފުކުރަން ބޭނުންވިޔަސް، ސިޓީއެއް ފޮނުވަން ނުޖެހި، ފޯމެއް ފުރުއްވުމަށްފަހު އޮންލައިންކޮށް ހުށަހެޅުއްވުމުން، އެ މީހެއްގެ ނުވަތަ ބައެއްގެ ކުށުގެ ރެކޯޑާބެހޭ މަޢުލޫމާތު، އެ އޮފީހަކަށް ބައްލަވައި، ޑައުންލޯޑް ކުރެވޭނެ އިންތިޒާމު މި ވެބްސައިޓުގެ ތެރެއިން ހަމަޖެހިގެންދާނެއެވެ. މި ޚިދުމަތާއެކު، ކުށުގެ ރެކޯޑު ސާފުކުރުމަށް ހޭދަވާ ވަގުތު މަދުވެގެންދާނެއެވެ.