ޖަމާޢަތް ހަދައިގެން މީހަކު މެރުން

16 ޖޫން 2023

ޖަމާޢަތް ހަދައިގެން މީހަކު މަރައިފިނަމަ، އެ އެންމެންގެ ކިބައިން މަރަށް މަރު ހިފޭނެހެއްޔެވެ؟ ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ޢަބްދުﷲ ނަޡީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ޤަޟިއްޔާ ގައި ވަނީ މި މަޢުޟޫޢުގައި މުހިންމު އުޞޫލުތަކެއް ކަނޑައަޅުއްވާފައިވެއެވެ. މި ލިޔުމުގައި މި އަލިއަޅުވާލަނީ އެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށެވެ.

ދިރިހުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެކެވެ. ޝަރުޢީ ހަމަތަކުން ބަލާއިރު ޙައްޤަކާނުލައި މީހަކު މަރައިފި މީހެއްގެ އަދަބަކީ ޤިޞާޞް ނުވަތަ މަރަށް މަރު ހިފުން ކަމީ ދެބަސްވުން އޮތް ކަމެއް ނޫނެވެ. ނަމަވެސް އިސްވެ ދެންނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ސުވާލު އުފެދުނު ކަމަކީ، ޖަމާޢަތެއް ހަދައިގެން މީހަކު މަރަފިނަމަ، އެ ޖަމާޢަތުގައި ހިމެނޭ އެންމެންގެ މައްޗަށް ޤިޞާޞް ޤާއިމުކުރެވިދާނެތޯއެވެ.

ޢުމަރުގެފާނުގެ ޚިލާފަތުގައި، ގިނަ ބަޔަކު ބައިވެރިވެގެން ކުޑަކުއްޖަކު މަރުމުން، އެ ކުއްޖާ މެރުމުގައި ބައިވެރިވި އެންމެން މެރުމަށް އަންގަވާފައިވެއެވެ. އަދި އެހެން ޙާދިސާއެއްގައި ތިން މީހުން ބައިވެރިވެގެން އެކަކު މެރުމުން، އެ ތިން މީހުން މެރުމަށް ޢުމަރުގެފާނު އަންގަވާފައިވެއެވެ. މިކަމުން ދަލީލު ނަންގަވައި ސުޕްރީމް ކޯޓުން ނިންމަވާފައިވަނީ ޖަމާޢަތެއް ހަދައިގެން މީހަކު މަރައިފިނަމަ އެ އެންމެންގެ މައްޗަށް ޤިޞާޞްގެ އަދަބު ދެވިދާނެކަމަށެވެ. ޖަމާޢަތް ހަދައިގެން މީހަކު މަރާ ޙާލަތުގައި ޤަތުލަކީ އެންމެ ޢަމަލެއް ނަމަވެސް، ޤަތުލުކުރުމުގައި ކިތައްމެ ގިނަ ބަޔަކު ބައިވެރިވިޔަސް އެ އެންމެންގެ ކިބައިން ޤިޞާޞް ހިފުމަށް ހުރަހެއް ނެތްކަމަށެވެ.

މި އުޞޫލާ ގުޅިގެން ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ މުހިންމު ކަންކަން:

- ގިނަ ބަޔަކު ބައިވެރިވެގެން މީހަކު މަރާ ޙާލާތުގައި، އެއިން ކޮންމެ މީހަކު، މަރުވިމީހާގެ ގައިގައި ޖެހި އެތިފަހަރަކީ އެމީހާ މަރުވުމަށް ފުދޭ އެތިފަހަރެއްނަމަ އެހުރިހާ މީހުންނަކީ ޤަޞްދުގައި މީހަކު މެރިމީހުންނެވެ. އެމީހުންގެ މައްޗަށް އޮތީ ޤިޞާޞްގެ އަދަބެވެ.

- އިމާމު މާލިކާއި ބައެއް ޙަނަފީންނާއި ޝާފިޢީންގެ ރަޢުޔުގައި ޖަމާޢަތެއް ބައިވެރިވެގެން ޢުދުވާނީ ގޮތެއްގައި ޤަޞްދުގައި ކުރި ޢަމަލަކުން މީހަކު މަރާލިއިރު، އެކަން ކުރީ ކާކުކަން ކަނޑައެޅިގެން ނޭގުނަސް، އެކަންކުރީ އެމީހުންގެ ތެރެއިން މީހަކު ޤަޞްދުގައި ޢުދުވާނީގޮތެއްގައިކަން އެނގޭނަމަ އެ އެންމެންގެ މައްޗަށް މަރުގެ ކުށް ސާބިތުވާނެއެވެ. އިމާމު އަބޫޙަނީފާއާއި ޝާފިޢީއާއި އަޙްމަދުގެ ރަޢުޔުގައި މިޙާލަތުގައި އެމީހުންނަށް ދޭނީ އެމީހަކު ކުރި އަނިޔާއަކަށް ދޭން އޮތް އަދަބެވެ. ސުޕްރީމް ކޯޓުން ނަގަހައްޓާފައިވަނީ އިމާމު މާލިކާއި، ބައެއް ޙަނަފީންގެ ރަޢުޔެވެ. އެއީ އެ ޙާލަތުގައި އެންމެންގެ މައްޗަށް މަރުގެ ކުށް ސާބިތުވުމެވެ.

- ޖުމުހޫރު ޢިލްމުވެރިން ގެ ރައުޔުގައި ދުރާލާ ރާވައިގެން މީހަކު މަރައިފިނަމަ، އެއިން ކޮންމެ މީހަކު ކުރި ޢަމަލަކީ އެމީހާ މަރުވާފަދަ ޢަމަލަކަށް ނުވިނަމަވެސް، އެއިން ކޮންމެ މީހަކު މަރުވިމީހާގެ ގައިގައި ޤަޞްދުގައި ޖަހާފައިވާނަމަ އެ އެންމެންގެ ކިބައިން ޤިޞާޞް ހިފޭނެއެވެ.

ޖަމާޢަތެއް ހަދައިގެން މީހަކު މެރުމާ ގުޅޭގޮތުން މި ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކުގެ ޚުލާޞާއަކީ، ޖަމާޢަތެއް ހަދައިގެން މީހަކު މަރާ ޙާލަތުގައި އެއިން ކޮންމެ މީހަކު ވަކިވަކިން ކުރި ޢަމަލަށް ބަލާއިރު އެ ޢަމަލަކީ މީހަކު މަރުވާފަދަ ޢަމަލެއްނަމަ، އެމީހެއްގެ ކިބައިން ޤިޞާޞް ހިފޭނެއެވެ. އަދި ހަމައެހެންމެ މަރުވީ އެތަނުން ކޮންމެވެސް އެކަކު ޤަޞްދުގައި ޢުދުވާނީ ގޮތުން ކުރި ކަމަކުންކަމަށްވެފައި އެކަން ކުރި މީހަކު ވަކިކޮށް ބުނެދޭން ނޭގޭނަމަ އެ އެންމެންގެ ކިބައިންވެސް ޤިޞާޞް ހިފޭނެއެވެ.