ޑިއުޓީ ޕްރޮސިކިއުޝަން

16 ޖޫން 2023

ޑިއުޓީ ޕްރޮސިކިއުޝަންއަކީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާތަކުން، ދަޢުވާކޮށްދިނުމަށް ހުށަހަޅާ މައްސަލަތައް މި އޮފީހަށް ބަލައިގަތުމުގެ ކުރިން، ކުރިއަށް ގެންދެވޭ މަރުޙަލާއެކެވެ. ޑިއުޓީ ޕްރޮސިކިއުޝަން ތަޢާރަފު ކުރުމުގެ ކުރިން މި އޮފީހަށް މައްސަލައެއް ހުށަހެޅުމުން މައްސަލަ ބަލައިގަނެއެވެ. ދިރާސާކުރަނީ އެއަށްފަހުގައެވެ. ދިރާސާކުރުމަށްފަހު، އިސްލާޙްކުރަންޖެހޭ ކަންތައްތަކެއް ހުރިނަމަ، އިސްލާޙްކުރުމަށް ހުރި ކަންކަން ފާހަގަކުރުމަށްފަހު އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ފޮނުވަނީއެވެ. މިގޮތަށް މަޝްވަރާކުރުމާ ނުލައި ސިޓީބިޓީން މައްސަލަތައް ބަލައިގަނެ، އިދާރާތަކުގެ މެދުގައި ބަދަލުކުރުމަށް އެތައް ވަގުތެއް ހޭދަވެ، މައްސަލަތައް ދިގުލައިގެންދެއެވެ. ޑިއުޓީ ޕްރޮސިކިއުޝަންއަކީ އެކަން ޙައްލުކުރުމަށް ތަޢާރަފުކުރި ނިޒާމެކެވެ. ތަޙުޤީޤުތައް ހިނގަމުންދާ ވަރަކަށް، "ޑިއުޓީ" އަށް މަޝްވަރާ ކުރުމަށް ގެންނާނެއެވެ. މައްސަލަ ރަސްމީކޮށް ހުށަހަޅާނީ، "ޑިއުޓީ" މަރްޙަލާ ނިމި، މިއޮފީހުން ފިޔަވަޅެއް އެޅޭ މިންވަރަށް މައްސަލައިގެ ތަޙުޤީޤު ފުރިހަމަވުމުންނެވެ.

ޑިއުޓީ ޕްރޮސިކިއުޝަންގެ މަސައްކަތްތައް ދުވަސްތަކެއް ވަންދެން މެނުއަލްކޮށް ކުރުމަށްފަހު، މިހާރު މި ނިޒާމު އިތުރަށް ހަރުދަނާކޮށް، މިކަމަށް ޚާއްޞަ ޕޯޓަލެއް މި އޮފީހުންވާނީ ޤާއިމުކޮށްފައެވެ. މި ޕޯޓަލްއަކީ ތަޙުޤީޤީ އިދާރާތަކުން ލިޔުންތަކާއެކު މައްސަލަތައް މަޝްވަރާއަށް ހުށަހެޅޭގޮތަށް އަދި ދެފަރާތުގެ ދެމެދުގައި ދެކެވޭ ވާހަކަތައް ލިޔުމުން ފެންނާނެގޮތަށް ޤާއިމުކޮށްފައިވާ ޕޯޓަލެކެވެ.

ޑިއުޓީ ޕްރޮސިކިއުޝަން ނިޒާމު ހިނގާ ގޮތަކީ، މައްސަލަ ތަޙުޤީޤުކުރާ އޮފިސަރު އެ މައްސަލައެއް ޑިއުޓީއަށް ތާވަލުކުރާނަމަ، އެކަމަށް ޚާއްޞަކުރެވިފައިވާ ލިއޭޒަން އޮފިސަރު މެދުވެރިކޮށް، ވަކީލުންގެ ތާވަލުން ވަގުތު ހޯދަންޖެހެއެވެ. އަދި ތާވަލެއް ހަމަޖެހުމުން، ތާވަލުކުރެވުނު ގަޑިއަށް، މައްސަލަ ތަޙުޤީޤުކުރާ އޮފިސަރު ޕީޖީ އޮފީހަށް ލިޔުންތަކާއެކު ޙާޟިރުވުމުގެ ބަދަލުގައި، އެ މައްސަލައެއްގެ ލިޔުންތައް ޕޯޓަލަށް އަޕްލޯޑްކުރާނެއެވެ. އެއަށްފަހު މައްސަލައަށް ކަނޑައެޅިފައިވާ ޕްރޮސިކިއުޓަރ އެ މައްސަލައެއް ދިރާސާކޮށް، ދަޢުވާކުރުމަށްޓަކައި، ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ހުރިތޯ ބަލާނެއެވެ. ތަޙުޤީޤު އިތުރަށް ފުރިހަމަކުރަންޖެހޭކަމަށް ވަކީލަށް ފެނިވަޑައިގަންނަވާނަމަ، އަދި އެގޮތަށް މައްސަލަ ނިސްބަތްވާ ޔުނިޓަށް ފެންނަނަމަ، އެކަމެއް ފުރިހަމަ ކުރުމަށްފަހު، އަލުން ޝެޑިއުލް ކުރުމަށް އިންވެސްޓިގޭޓަރަށް އިރުޝާދެ ދޭނެއެވެ. ވަކީލު ދޭ އިރުޝާދު ދޭނީ ސިސްޓަމްގެ ތެރެއިން އަޕްލޯޑުކުރާ ލިޔުމަކުންނެވެ. މި މަރުޙަލާގައި، އެމައްސަލައަކީ ޕީޖީ އޮފީހަށް ބަލައިގަނެފައިވާ މައްސަލައެއްނޫނެވެ.

ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާގައި ދިރާސާކުރުމަށްފަހު، މައްސަލައިގައި ދަޢުވާ ނުކުރުމަށް ފެންނަމަ، މައްސަލަ މި އޮފީހަށް ބަލައިގަތުމާ ނުލައި، ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާގައި ޑިކްލައިން ކުރެވޭނެއެވެ. މައްސަލައެއް ޑިކްލައިންކުރުމަށް މި މަރުޙަލާގައި ނިންމޭނީ މައްސަލަ ޙަވާލުކުރެވިފައިވާ ޕްރޮސިކިއުޓަރގެ އިތުރުން، ޔުނިޓު ހެޑާއި، އެސިސްޓެންޓް ޕްރޮސިކިއުޓަ ޖެނެރަލްއާއި، ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލަށް އެގޮތަށް ފެނިވަޑައިގަންނަވާނަމައެވެ. އެ ހިސާބުން އެ މައްސަލައެއް ނިމުމަކަށް އަންނާނެއެވެ.

މައްސަލަ ދިރާސާކުރުމަށްފަހު ދަޢުވާކުރުމަށް ފެންނަމަ ޑިއުޓީ ޕްރޮސިކިއުޝަން ނިންމައި، މައްސަލަ މި އޮފީހަށް ބަލައިގަނެވޭނެއެވެ. އަދި މައްސަލައިގެ ލިޔުންތައް ރަސްމީކޮށް މި އޮފީހަށް އެންޓްރީކުރެވޭނީ އެއަށްފަހުއެވެ.

ޑިއުޓީ ޕްރޮސިކިއުޝަން ތަޢާރަފުކުރުމާއެކު، ތަޙުޤީޤުކުރާ މީހުންނާއި ޕްރޮސިކިއުޓަރުންނަށް އެކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބި، ޖިނާއީ ތަޙުޤީޤުތަކުގެ ފެންވަރު ރަނގަޅު ކުރެވިފައިވެއެވެ. ތަޙުޤީޤު ކުރުމަށް ހިނގާ މުއްދަތުތައްވެސް ކުރުކުރެވިފައިވެއެވެ. އެކަމާބެހޭ ތަފާސްހިސާބުތައް، މިއޮފީހުގެ އަހަރީ ރިޕޯޓުންނާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި (މިއޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ) ރިޕޯޓުތަކުން ފެންނަން ހުންނާނެއެވެ.