ޝަރީޢަތަށް ހުށަހަޅާ ހެކިންނަކީ އެންމެ ފުރިހަމަ ބަޔަކަށް ވާންޖެހޭތަ؟

16 ޖޫން 2023

ގިނަ ފަހަރަށް ހެކިންނަކީ އެމީހުން ހެކިބަސް ދޭންޖެހޭ ކަންކަމުގެ މައްޗަށް އަމިއްލަ އިޚްތިޔާރު ހިނގާ ބައެއް ނޫނެވެ. ތަޤްދީރު ނިޔާކުރާގޮތުން، ހާދިސާއެއް ހިނގާ ވަގުތު އެތަނެއްގައި ހުރެވުނީތީ ހެއްކަކަށް ވަނީއެވެ. މުޖުތަމަޢުގައި އެކި ވިސްނުމުގެ، އެކި އުޅުމުގެ މީހުން ދިރިއުޅެއެވެ. އެހެންކަމުން ހާދިސާއެއް ހިނގާ މަންޒަރު، ނުވަތަ ޖިނާއީ ކުށުގެ ޢަމަލެއް ހިނގާ މަންޒަރު ފެންނަ ކޮންމެ ހެއްކަކީ އެންމެ ފުރިހަމަ ހެއްކަކަށް ނުވެދާނެއެވެ.

ޖިނާއީ މައްސަލަތައް ސާބިތުކުރުމަށް އޮތް އެންމެ ވަރުގަދަ އެއް ވަޞީލަތަކީ މަންޒަރު ލޮލަށް ދުށް، ނުވަތަ އަޑުއިވުނު ނުވަތަ އެކަމެއް ތަޙައްމަލުކުރި މީހުންގެ ހެކިބަހެވެ. އެހެންކަމުން، އެފަދަ ވާހަކައެއް ފަނޑިޔާރަށް ގެނެސްދޭ މީހާއަކީ އިތުބާރުކުރެވޭ މީހަކަށްވާންޖެހެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ، އެ މީހަކީ އެންމެ ފުރިހަމަ ނުވަތަ އެންމެ ޢަދުލުވެރި މީހަކަށް ނުވާނަމަ އެ ހެކި ބަލައިނުގަންނަންވީތޯއެވެ؟

ހެއްކާބެހޭ ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން، ޢަދުލުވެރިކަމަކީ ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠެކެވެ. ނަމަވެސް ކޮންމެ ކަމެއް ހިނގާތަން ދެކޭނެ ނުވަތަ އަޑުއިވޭނެ ފުރިހަމަ ހެކިން ނުތިބޭނެކަން އެ ޤާނޫނު ޤަބޫލުކުރެއެވެ. އެގޮތުން، ޤާނޫނުގެ 49 ވަނަ މާއްދާގެ ދަށުން، ވަކި ކަމަކާ ގުޅޭގޮތުން ހެކިބަސް ދޭނެ އެހެން މީހަކު ނެތްނަމަ، ޢަދުލުވެރިކަން ގެއްލިފައިވާ މީހެއްގެ ހެކިބަސް ބަލައިގަނެވެއެވެ. ނަމަވެސް އެ ހެކިބަހަށްދެވޭ ބުރަދަން ކުޑަވެއެވެ. އަދި އެ ހެކިބަހުން ޝަރީޢަތަށް ކަމެއް ސާބިތުވުމަށް އިތުރު ހެކީގެ އެހީތެރިކަން ބޭނުންވާނެއެވެ.

މިއީ އިސްލާމީ ޝަރީޢަތުގައިވެސް މިކަން އޮތް ގޮތެވެ. އެގޮތުން، ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ތެދުދޮގު ބަލައި، ޙަޤީޤަތް ހޯދުމަށް ކީރިތި ޤުރުއާނުގައި ބާރު އަޅުއްވާފައިވެއެވެ. އެހެންކަމުން، ޢަދުލުވެރިކަން ގެއްލިފައިވާ މީހަކު ދައްކާ ވާހަކަތައް މުޅީން އެއްފަރާތްކުރުމުގެ ބަދަލުގައި، އޭގެ ތެދުދޮގު ބަލައި، އެ ވާހަކަތަކަށް ބާރުދޭ އިތުރު ހެކި ހުރިނަމަ، އެ މީހާގެ ބަހަކީވެސް ބަލައިގަނެވިދާނެ ހެއްކެއްކަން އެނގެއެވެ.

ޕްރޮސިކިއުޝަނުން ނުވަތަ މައްސަލައިގެ ކޮންމެ ޚަޞްމަކުވެސް ބޭނުންވާނީ ހެކިންގެ ގޮތުގައި އެންމެ ފުރިހަމަ ހެކީން ހުށަހެޅުމަށެވެ. ކުށްކުރާ މަންޒަރު ފެނި ތަޙައްމަލުކުރާ އެއް ބަޔަކީ ކުށުގެ ވެށީގައި އުޅޭ މީހުންނެވެ. އަދި ގިނަ ފަހަރަށް ކޮންމެވެސް ސިފައެއްގައި އެ ކުށުގެ ޢަމަލުގައި ބައިވެރިވެފައި ތިބޭ މީހުންނެވެ. ތަޤުދީރު ނިޔާކުރިގޮތުން ވަކިކަމެއް ހިނގިތަން ފެނުނީ ޢަދުލުވެރިކަމާމެދު ސުވާލު އުފެދިފައިވާ މީހަކަށް ވުމަކީ އިންޞާފުގެ ދޮރު އެއްކޮށް ބަންދުވެގެންދާ ސަބަބެއް ނޫނެވެ.